|
| "ޤަވާއިދުގެ ދިރާސާ" |
| ދިވެހިބަސް - ބަހުގެ ޤަވާއިދު | ||||||||||||||||||||||||||||||||||||||||||
| ބުދަ, 29 ފެބުރުއަރީ 2012 23:17 | ||||||||||||||||||||||||||||||||||||||||||
|
އިސްބަސް
މިއީ ދިވެހި މުދައްރިސް ކަމުގެ ޑިޕްލޮމާ (2009 ޖެނުއަރީ) ކޯހުގެ ދަރިވަރުންނަށް ދިވެހިބަސް ، މިމާއްދާގެ ދަށުން "ޤަވާއިދުގެ ދިރާސާ" މިނަމުގައި ހަދަން ހަވާލު ކުރެވުނު ފުރަތަމަ އެސައިންމެންޓެނެވެ.
މި އެސައިމެންޓްގައި އަޅުގަނޑު އަލިއަޅުވާލައިފާވާނީ ދިވެހި ބަހުގެ ޤަވާއިދުގެ ބައިތަކުގެ ތެރެއިން ކޮންމެވެސް 5 ބައެއްގެ މައްޗަށާއި މިބައިތަށް ދިވެހިބަހުގެ ޤަވާއިދުގައި ބޭނުންކުރެވޭ ގޮތާއި ބަހުގެ ހަމަތަކަށެވެ. އެ ބައިތަކަކީ؛-
1. ޚާއްޞަ ނަމަކީ ކޮބައިކަމާއި އެނަން އެކި ޤަވާއިދުގައި އޮޅުން ފިލުވައިދިފައިވާގޮތް. 2. ޢާއްމުނަމަކީ ކޮބައިކަމާއި އެނަން އެކި ޤަވާއިދުގައި އޮޅުން ފިލުވައިދީފައިވާ ގޮތް. 3. ރައްދުނުވާކަމާއި ރައްދުވާކަމުގެ ތަފާތު. 4. ތުރެ، ވުރެ، ވެރި، ތެރި، ގާތުގައި، ކައިރީގައި، މިލަފުޒުތައް ލިޔުމުގައި ބޭނުންކުރުމުގެ ރަނގަޅުހަމަ. 5. ރަނގަޅު ލިޔުންތަކުގައި ނަންއިތުރު ބޭނުން ކުރެވޭ އުސޫލާއި ލިޔުން މުއްސަނދި ކުރުމުގައި މިޤަވާއިދު އަދާކުރާ މަޤާމް. އަޅުގަނޑުގެ އެދުމަކީ މި އެސައިމެންޓް ވިދާޅުވާ ކޮންމެ ބޭފުޅަކަށްވެސް، ލިޔެ ކިޔައި އުޅުމުގައި މިއެސައިމެންޓްގެ ސަބަބުން އިތުރު ފަސޭހަ ތަކެއް ލިބިގެން ދިޔުމެވެ. ޝުކުރިއްޔާ! 28 އޭޕްރިލް 2009
މުޙައްމަދު ޢަލީ
ފިހުރިސްތު
ތަޢާރަފް
ދިވެހި ބަހަކީ ކުޑަ އަދި ފަޤީރު ބަހެކެވެ. ނަމަވެސް ރީތި އަސަރު ހުރި އަދި ފުރިހަމަ ޤަވާޢިދުތަކެއްގެ މައްޗަށް އެކުލެވިގެންވާ ބަހެކެވެ. އެހެން ބަސްތަކާއި ޚިލާފަށް ތަފާތު ރީތި، ގޮތްހުރި ސިފަތަކެއް ލިބިފައިވާ ބަހެކެވެ. ކޮންމެ ބަހަކީވެސް އެބަހެއް މުއްސަނދިކޮށް ތަނަވަސްކުރުމަށް މަސައްކަތް ކުރެވިދާނެ ބަހެކެވެ. ނަމަވެސް މިދިވެހިބަހަށް ފޮނިކަމާއި އަސަރު ގެނެސްދިނުމުގައި އަޅުގަނޑުމެން މިވަނީ ނުކުޅެދިފައެވެ. ދުވަހެއްދުވަހަކަށް ބަސްބޭނުންކުރުމުގައި، ދިވެހި މުޖުތަމަޢު މިފެންނަނީ ބަހުގެ ހަމަޔާއި އުޞޫލުން ނެއްޓިދާތަނެވެ. އަޅުގަނޑުމެންގެ މިދިވެހި ބަހަކީ ރީތި ހަމަތަކަކާއި އަސަރު އެކުލެވޭބަހެކެވެ. ނަމަވެސް ބަސް ކުރިއެރުވުމުގައި އެކަށޭނަ ޤަވާއިދެއް ހަދައިފާ ނެތުމުގެ ނަތީޖާ މިއަދު މި ފެންނަނީ އެވެ. އެހެންކަމުން، އަޅުގަނޑުމެންގެ މި މާދަރީބަސް ދިރުވުމަށްޓަކައި ކޮންމެފަރުދަކަށްވެސް އެކަށޭނަ މަސައްކަތްތަކެއް ކުރެވިދާނެއެވެ. އަދިހަމަ މިފަދަ މަސައްކަތްތަކެއް ކުރަމުން ގެންދާނަމަ ތަފާތު ޤަވާއިދު ފޮތްތަކުގައި، ޤަވާއިދާ ބެހޭގޮތުން ލިޔުއްވާފައިވާ ގޮތާއި މޮޅެތި އަދަބީ ލިއްޔުވުންތެރިންގެ ޚިޔާލު މިކަމަށް ހޯދައި ޢިލްމީބޭބޭފުޅުންގެ ލިޔުންތަކުގައި މިކަންހުރި ނެތްގޮތް ބެލުންވެސް ވަރަށް މުހިއްމެވެ. ކަންމިހެންހުރިއިރު އަޅުގަނޑުމެންގެ ތެރޭގައި އޮޅެމުން މިދާ ދިވެހިބަހުގެ ޤަވާއިދު އިސްލާހުކޮށް ދެމީހަކު ދޭއްޗެއް ކިޔުމުގެ ބަދަލުގައި، މިޤަވާއިދުތައް އެއްކޮށްލައި ރަނގަޅު ނިންމުމެއް ނިންމަން ވެއްޖެއެވެ. މިގޮތުން އަޅުގަނޑު މިދިރާސާ އެކުލަވާލުމަށްޓަކައި ނަގާފައިވާނީ، މިހާރު ދިވެހި ބަހުގައި އަރާރުންބޮޑުވަމުން އަންނަ ބައެއް ޤަވާއިދު ތަކަށާއި އެޤަވައިދު ތަކަށް އެކިއެކި އަދީބުންނާއި ޢިލްމްވެރި ބޭބޭފުޅުންގެ ހިޔާލު ހުށައަޅާލާފައިވާ ގޮތެވެ. އަދި މިކަމުގައި އަޅުގަނޑުގެ ވިސްނުން ހުރިގޮތާއި އަޅުގަނޑުގެ ނިންމުންވެސް ހުށައަޅާލެވިފައިވާނެއެވެ. ޝުކުރިއްޔާ! 28 އޭޕްރީލް 2009
މުޙައްމަދު ޢަލީ
1. ޚާއްޞަނަމަކީ ކޮބައިކަމާއި އެނަން އެކި ޤަވާއިދުގައި އޮޅުންފިލުވައިދީފައިވާގޮތް. ޚާއްޞަނަމަކީ އެނަމެއްބުނުމުން ކަނޑައެޅިގެން އެނަން ރައްދުވާފަރާތް އެނގޭނަންނަމެވެ. މިސާލު:- ހުކުރު މިސްކިތް، ކަޅުއޮށްފުއްމި، މުހައްމަދު އަމީނު، މިއެވެ. ހުސައިން ރަޝީދު އަހުމަދު(1993) ދިވެހި ބަހުގެ ބަސްމަގު. 31 ވަނަ ސަފްހާގައި ލިޔުއްވާފައިވާ ގޮތުން ޚާއްޞަ ނަމަކީ އެނަމުން ވަކި އެއްޗެއް ކަނޑައެޅި އެނގޭ ކޮންމެ ނަމެއްކަމުގައި ބަޔާން ކޮށްފައިވެއެވެ. މިސާލަކަށް؛ ފިރިހެނާ، ދޫނި، ގަލަން، ސިޓީ، ކަރާ، މިފަދަ މިސާލުތައްގެންނަވާފައިވެއެވެ. އެހެންނަމަވެސް ދިވެހި ބަހުގެ ޤަވާއިދު.(2004 ފުރަތަމަ ޗާޕް). 14 ވަނަ ޞަފްޙާގައި ލިޔެފައިވާ ގޮތުގައި ހާއްޞަނަމަކީ އެނަމެއްބުނުމުން ކަނޑައެޅިގެން އެނަން ރައްދުވާފަރާތް އެނގޭ ނަންނަން ކަމުގައި ބަޔާންކޮށްފައިވެއެވެ. މިސާލު؛ މަރްޔަމް، ކާށިދޫ، ސަލްޓަންޕާކު، އެވެ. މަރުޔަމްއޭ ބުނުމުން އެއީ ވަކި މީހެއްކަން، ކާށިދޫއޭ ބުނުމުން އެއީ ވަކި ރަށެއްކަން އަދި ސަލްޓަންޕާކުއޭ ބުނުމުން އެއީ ވަކި ތަނެއްކަން އެނގެއެވެ. ހާއްޞަ ނަމާއި ބެހޭގޮތުން ދެފޮތުގައި ދެވިފައިވާ އިބާރާތް ތަފާތުވެފައިވީނަމަވެސް، އިބާރާތުގައި ބުނެދޭން އުޅެފައި އެވަނީ ހަމަ އެއްވާހަކައެކެވެ. ނަމަވެސް ބަހުގެ ޤަވާއިދު ފޮތުގައި މިތަޢާރަފް ގެނެސްދީފައިވާގޮތް ވަރަށް ރަނގަޅުކަން ފާހަގަ ކުރަމެވެ. ބަހުގެ ބައިތަކަށް ބަލާއިރު ކަމާއި އަކުރަކީ ހާއްޞަ ބައިތަކެވެ. އަދި ނަމުގެ ބައިތަކުގެ ތެރެއިން ހުރިހާނަމެއް އާއްމުވާނެއެވެ. ނަމަވެސް އެއިން ނަމަކަށް ޚާއްޞަ ވުމުގެ ޝަރުތު ފުރިހަމަ ވާނަމަ އެނަމަކީ ޚާއްޞަނަމެކެވެ. މިގޮތުން ހާއްޞަނަމުގެ ވަރަށްގިނަ ބައިތަށް ވާކަން އަޅުގަނޑު ފާހަގަ ކުރަމެވެ. ނަމަވެސް މިތާނގައި މިހުށައަޅާލަނީ އެއްމުހިއްމުކަމަށް އަޅުގަނޑުގެ ދިރާސާއިން ފާހަގަ ކުރެވޭ ދެބައެވެ. އެބައިތަކަކީ؛ 1. އަމިއްލަނަން. އަމިއްލަ ނަމަކީ މީހަކަށް ނުވަތަ އެއްޗަކަށް ނުވަތަ ތަނަކަށް ނުވަތަ ކަމަކަށް ޚާއްސަކުރެވިގެން އެއަށް އެއަށްގޮވޭ ނަމެވެ. މިސާލު ފާތިމާ، ކަތްދަ އެވެ. 2. ކަނޑައެޅޭ ނަންނަން. ކަނޑައޭޅޭ ނަމަކީ އާއްމު ނަމެއް ވަކިއެއްޗަކަށް ކަނޑައަޅާ، ވަގުތީ ގޮތުން އެއަށް ހާއްސަ ކުރެވޭ ކޮންމެ ނަމެކެވެ. މިގޮތުން ކަނޑައެޅޭ ނަމަކަށްވާއިރު އާއްމުނަމުގައި އޮންނަ "އެއް" ނައްތާލެވިދާނެއެވެ. މިސާލަކަށް ފިރިހިނެއް- ފިރިހެނާ، ގަލަމެއް- ގަލަން، މިއެވެ. ނަމަވެސް ބާވަތުގެ ނަމެއް ޚާއްޞަނަމަކަށް ވާއިރު އެނަމަކަށް އިތުރު ބަދަލެއް ނާންނާނެއެވެ. އެހެންކަމުން ބާވަތުގެ ނަން ޚާއްޞަ ނަމަކަށްވުމުން، އެކަން އެނގޭނީ އެނަން ބޭނުންކޮށްފައި އޮތް ޖުމްލަ އަކުންނެވެ. މިގޮތުން އާއްމުގޮތެއްގައި ބާވަތުގެ ނަމެއް ޚާއްޞަ ނަމަކަށް ހަދާއިރު ހަމައެކަނި އިންސާނުންނަށް ނިސްބަތްވާ ނަމެއްނަމަ އެނަމެއްގެ ފަހަތުގައި އާބާފިއްޔެއް ޖެހުމުން އެނަމެއް ޙާއްޞަނަމަކަށް ބަދަލުވެދެއެވެ. މިސާލަކަށް. ފިރިހެނާ، މީހާ މިފަދަ މިސާލުތަކެވެ.
ދިރާސާއިން ފާހަގަ ކުރެވުނުކަންތައް ކުރެވުނު ދިރާސާގެ އަލީގައި ޚާއްޞަނަން ތަފާތުގޮތްގޮތަށް ބޭނުން ކުރެވިދާނެކަމަށް އަޅުގަނޑަށް ފާހަގަ ކުރެވިފައިވެއެވެ. އެއީ ކަނޑައެޅިގެން ވާހަކަ ދައްކާ ވަގުތުގައި އެނގުމާއި، ބަސްބުނާހިނދު، އެބުނާ ބަހުގެ ދެވަނަ ނަމެއް ނުވަތަ ދެވަނަ ފަރާތެއް ނުވުން، ގިނައެއްޗެއްގެ ތެރެއިން ބާވަތް ކަނޑައަޅައި އެނގުން، އިޝާރާތަކުން ނުވަތަ ނަންއިތުރާއި ކަންއިތުރު ބޭނުންކޮށްގެން ހާއްޞަވުން، އަދި ހަމަ އެކަށައެޅޭ ޤަވާއިދު ބުނާގޮތުން ހާއްޞަވާ ހާއްޞަވުމެވެ.
2. އާއްމުނަމަކީ ކޮބައިކަމާއި އެނަން އެކި ޤަވާއިދުގައި އޮޅުންފިލުވައިދިފައިވާގޮތް. އާޢްމުނަމަކީ އެނަމެއް ބުނުމުން ކަނޑައެޅިގެން އެނަން ރައްދުވާފަރާތެއް ނޭނގޭ ނަންނަމެވެ. މިސާލު:- ކާށި، ނާށި، ބުއްފުޅި، އެވެ. ހުސައިން ރަޝީދު އަހުމަދު.(1993) ދިވެހި ބަހުގެ ބަސްމަގު. 31 ވަނަ ސަފްހާގައި ބަޔާން ކުރައްވާފައިވާގޮތުންނަމަ އާއްމުނަމަކީ އެނަމުން ވަކިއެއްޗެއް ކަނޑައެޅިފައިނުވާ ކޮންމެ ނަމެކެވެ. މިސާލަކަށް؛ ދޫންޏެއް، ޤަލަމެއް، ކަރައެއް، މިފަދައިން ބަޔާން ކުރައްވާފައިވެއެވެ. އާއްމުނަން ވަކިކޮށް ދެނެގަންނާނެ ގޮތަކީ އެނަމުގެ ފަހަތަށް 'އެއް' އައިސްފައި އޮތުމެވެ. މިގޮތުން ބާވަތުގެ ނަމަކީވެސް އެނަން ޚާއްޞަ ނަމަކަށް ބަދަލު ނުކުރެވޭހާ ހިނދު އާއްމު ނަމެއްގެ ގޮތުގައި ބެލެވޭ ނަމެއްކަން ހުސައިން ރަޝީދު އަހުމަދު ފާހަގަކޮށް ލިޔުއްވައިފާ ވެއެވެ. ދިވެހި ބަހުގެ ޤަވާއިދު.(2004 ފުރަތަމަ ޗާޕް). 14 ވަނަ ސަފްހާ ގައިވާ ގޮތުން އާއްމުނަމަކީ އެނަމެއްބުނުމުން ކަނޑައެޅިގެން އެނަން ރައްދުވާ ފަރާތް ނޭނގޭ ނަންނަމެވެ. މިސާލު؛ ކުޖެއް، މިހެން ބުނުމުން އެއީ ވަކި ކުއްޖެއްކަން ނޭނގެއެވެ. އެހެންކަމުން، މިއީ އާއްމުނަމެކެވެ. ބައެއް ނަންނަމުގެ ފަހަތަށް އާއްމުކުރުމުގެ "އެއް" ގުޅާލާއިރު އެނަންނަމުގެ ފަހު ބަޔަށް ބަދަލު އާދެއެވެ. މިސާލު: ގަސް – ގަހެއް، ފަތް- ފަތެއް. މިއެވެ.
ދިރާސާއިން ފާހަގަ ކުރެވުނުކަންތައް އަޅުގަނޑުގެ ދިރާސާއިން ދަސްވިއެއްޗަކަށް ބަލާއިރު ނަން ޢާއްމުކުރެވޭ އޮންނަނީ 2 ގޮތެވެ. އެއީ ނަންއޮތްގޮތަށް އޮންނައިރު، މިސާލު؛ މީހާ، ގެ، މިއެވެ. ދެވަނަ ގޮތަކީ ބަހުގެ ފަހަތަށް "އެއް" އިތުރު ކުރުން. މިސާލު؛ ގަހެއް، މީހެއް، މިއެވެ. މިދެގޮތުގައި ސީދާ ސީދާ ކޮށް ރައްދުވާފަރާތެއް ނުވަތަ ޚާއްޞަވާ ވަކިފަރާތެއް ނޭނގޭނެއެވެ. 3. ރައްދުވާކަމާއި ރައްދު ނުވާކަމުގެ ތަފާތު. ރައްދުވާކަން. ރައްދުވާކަމަކީ ކަންކުރިފަރާތަށް ރައްދުވުމާއިއެކު އެހެން ފަރާތަކަށްވެސް ރައްދުވާ ކަންކަމެވެ. މިސާލު؛- މަންމަ ރޮށިފިހެފި، މިއެވެ. މިމިސާލުގައިވާ ގޮތުން ކަންކުރާއަކީ މަންމައެވެ. އަދި އޭނާ ކުރިކަމަކީ ރޮށިފިހުމެވެ. އެހެންކަމުން ކުރިކަންތައް ރައްދުވަނީ ރޮށްޓަށެވެ. ދިވެހި ބަހުގެ ޤަވާއިދު.(2004 ފުރަތަމަ ޗާޕް). 79 ވަނަ ސަފްޙާ ގައި ބަޔާން ކޮށްފައިވާގޮތުގައި ރައްދުވާކަމަކީ ކަންކުރިފަރާތަށް ރައްދުވުމާއި އެކު އެހެންފަރާތަކަށްވެސް ރައްދުވާކަންކަމެވެ. މިސާލު؛ 1. ފުއާދު ފިލާވަޅު ކިޔައިފި. 2. ދައްތަ ހެދުން ފަހައިފި. އެއްވަނަ މިސާލުގައި "ކަންކުރާ" އަކީ "ފުއާދު" އެވެ. އޭނާ ކީ ފިލާވަޅެވެ. ވީމާ، މިޖުމްލައިގާ ވާ ކަން (ކިޔައިފި) ފިލާވަޅަށްވެސް ރައްދުވެއެވެ. ހަމަ އެފަދައިން ދެވަނަ މިސާލުގައިވާ ކަން(ފަހައިފި) "ދައްތަ" އަށް ރައްދުވުމާއިއެކު ހެދުމަށްވެސް ރައްދުވެއެވެ. މަތީގައިވާ ދެމިސާލުގައިމެ، ކަންކުރާ ފިޔަވައި ކުރިކަންތައް ރައްދުވާ ފަރާތެއްވެއެވެ. ފުރަތަމަ މިސާލުގައި އެފަރާތަކީ ފިލާވަޅެވެ. ދެވަނަ މިސާލުގައި ކަންރައްދުވާ ފަރާތަކީ ހެދުމެވެ. މިގޮތަށް ކަންރައްދުވާ ދެވަނަ ފަރާތަށް ކިޔަނީ "ރައްދުވާ" އެވެ. އާއްމުގޮތެއްގައި ރައްދުވާ ކަމުގެ ނިމުނުކަން ދޭހަކޮށްދޭ ލަފުޒު ނިމިފައި ހުންނަނީ "—ފި" އަށެވެ. މިސާލު، ކައިފި ލިޔެފި، ބަހައިފި. މިއެވެ.
ދިރާސާއިން ފާހަގަ ކުރެވުނުކަންތައް އަޅުގަނޑު ކުރިދިރާސާގައި، ރައްދުވާކަމެއްގައި 3 ބައެއް ހިމެނެންޖެހޭކަން އަޅުގަނޑު ފާހަގަ ކުރަމެވެ. އެއީ ކަންކުރާއާއި ކަމާއި އަދި ހަމަ ރައްދުވާފަރާތެވެ. މިތިން ބައިންކުރެ އެއްބައިވެސް އުނިވެއްޖެނަމަ އެއީ ރައްދުވާކަމެއްގެ ގޮތުގައި ނުބެލެވޭނެއެވެ. މިސާލު؛- ބައްޕަ ކުރުނބާއަޅައިފި. މިމިސާލުގައިވާ ކަންކުރާއަކީ ބައްޕައެވެ. ކަން ރައްދުވާފަރާތަކީ ކުރުނބަލެވެ. އަދި ކުރިކަމަކީ އެޅުމެވެ. ރައްދުނުވާކަން ރައްދު ނުވާ ކަމަކީ ކަމެއްކުރުމުން، އެކަންކުރި ފަރާތް ނޫން އެހެން ފަރާތަކަށް ރައްދުނުވާ ކަންކަމެވެ. ދިވެހިބަހުގެ ޤަވާއިދު. (2004 ފުރަތަމަ ޗާޕް). 80 ވަނަ ޞަފަހާގައި، ރައްދު ނުވާކަމާއި ބެހޭގޮތުން ލިޔެފައިވަނީ އެއީ ކަންކުރި ފަރާތްނޫން އެހެންފަރާތަކަށް ރައްދު ނުވާ ކަންކަން ކަމުގައެވެ. މިސާލު؛ 1. ރަފީޤު ތެދުވެއްޖެ. 2. ބޯޓު އަތުވެއްޖެ. މަތީގައި، އެވާ ފުރަތަމަ މިސާލުގެ ކަން ކުރާއަކީ "ރަފީޤު" އެވެ. އޭނާ ކުރި ކަމަކީ ތެދުވުމެވެ. ދެވެނަ މިސާލުގައި އެވާ ކަންކުރާއަކީ "ބޯޓް" އެވެ. ބޯޓް ކުރި ކަމަކީ އައުމެވެ. މިދެމިސާލުން އެނގޭނޭ ފަދައިން ކަންކުރިފަރާތް ފިޔަވައި އިތުރު އެހެންފަރާތަކށް ކުރި ކަންތައް ރައްދެއް ނުވެއެވެ. އާއްމުގޮތެއްގައި ރައްދު ނުވާކަން، ނިމުނުކަން ދޭހަކޮށްދޭ ލަފުޡު ނިމިފައި ހުންނާނީ "—ޖެ" އަށެވެ. މިސާލު، ހިނގައްޖެ، ވަދެއްޖެ، އޮށޯވެއްޖެ. ރައްދުނުވާ ކަންކަން ބައެއްފަހަރަށް މިއާ ހިލާފަށްވެސް ހުރެއެވެ. މިސާލު؛ 1. ހަސީނާ ރޮއިފި. 2. ޒައިނަބް ނަށައިފި. ފުރަތަމަ މިސާލުގައިވާ "ރޮއިފި" ރައްދުވަނީ ހަމަ އެކަނި އެކަން ކުރި ހަސީނާ އަށެވެ. ދެވަނަ މިސާލުގައިވާ ނަށައިފި ރައްދުވަނީ ހަމައެކަނި އެކަން ކުރިޒައިނަބަށެވެ. ދިރާސާއިން ފާހަގަ ކުރެވުނު ކަންތައް އަޅުގަނޑަށް ފާހަގަ ކުރެވުނު ގޮތުގައި ރައްދުވާކަމާއި ރައްދުނުވާކަމާއި ދެމެދު ވަރަށް ބޮޑު ތަފާތެއް އެބަހުއްޓެވެ. ދެވަނަ ފަރާތަކަށް ކުރިކަން ރައްދުވާނަމަ އެއީ ރައްދުވާކަމެކެވެ. ހަމައެފަދައިން ރައްދުނުވާކަމެއް ނަމަ ދެވަނަ ފަރާތަކަށް ރައްދެއް ނުވާނެއެވެ. މިސާލު: ތައުފީގު ބައިސްކަލް ދުއްވައިފި. މި މިސާލުގައިވާ "ދުއްވައިފި"، ތައުފީގަށް ވެސް އަދި ބައިސްކަލަށްވެސް ރައްދުވެއެވެ. މިފަދަ ލަފްޒުތައް (ރައްދުވާކަމުގެ ނިމުނުކަން ދޭހަކޮށްދޭ ލަފަޒުތައް) ނިމިފައި ހުންނާނީ "ފި"އަށެވެ. 'ޒާހިރު އަތުވެއްޖެ ' މި ޖުމްލައިގައި ޒާހިރު ކުރިކަމަކީ އައުމެވެ. ޒާހިރު ފިޔަވައި އެހެން ފަރާތަކަށް މިކަމެއް ރައްދެއް ނުވެއެވެ. ޢާއްމުކޮށް ރައްދު ނުވާކަމުގެ ނިމުނުކަން ދޭހަކޮށްދޭ ލަފުޒު ނިމިފައި ހުންނަނީ 'ޖ' އަށެވެ. އެހެންކަމުން ރައްދު ނުވާކަމެއްގައިނަމަ ހިމެނޭނީ އެކަން ރައްދުވާ ފުރަތަމަ ފަރާތް އެންޏެވެ. ދެވަނަ ފަރާތެއް ޝާމިލެއް ނުވާނެއެވެ. 4. ތުރެ، ވުރެ، ވެރި، ތެރި، ގާތުގައި، ކައިރީގައި، މިލަފުޒުތައް ލިޔުމުގައި ބޭނުންކުރުމުގެ ރަނގަޅުހަމަ. ü ތުރެ،ވުރެ. މިއީ ދިވެހިބަހުން އަޅުގަނޑުމެން ލިޔެކިޔެ އުޅުމުގައި ބޭނުންކުރެވޭ 2 އަކުރެވެ. ދިވެހި ބަހުގައި އަޅުގަނޑުމެން ބޭނުން ކުރި ނަމަވެސް ބަހުގެ ޤަވާއިދާ ބެހޭ ގޮތުން މިހާތަނަށް ތައްޔާރު ކޮށްފައިވާ އެއްވެސް ފޮތެއްގައި މިދެއަކުރު ބޭނުން ކުރާނެ އެއްވެސް ހަމައެއް ބޔާންކުރައްވާފައެއް ނެތެވެ. އެހެންކަމުން މިއީ ދިވެހި ލިޔުންތެރިންނާއި ބަހާބެހޭ ދިރާސާ ކުރައްވާ ބޭބޭ ފުޅުން އެހާ މުހިއްމު އަކުރެއްގެ ގޮތުގައި ބަލައިގެންފައިވާ އަކުރެއްނޫންކަން ސާބިތުވެއެވެ. އެހެން ނަމަވެސް ލިޔެކިޔުމުގައި މި ދެ އަކުރު ބޭނުން ކުރާތީވެ މިކަމުގެ ޝަރަހައެއް މުހިއްމުކަމުގައި އަޅުގަނޑު ދެކެމެވެ. އަޅުގަނޑުގެ މިދިރާސާއިން ފާހަގަ ކުރެވުނުގޮތުގައި މި ދެއަކުރުވެސް ބޭނުން ކުރެވެނީ އެކަތި އަނެކައްޗާއި އަޅައި ކިޔުމަށާއި އެތަކެތީގެ ތަފާތު ކަން އަންގައިދިނުމަށެވެ. މިސާލު: އަހަރެންނަށްވުރެ ކަލޭ މާ، ބޮޑެވެ. މިމިސާލުގައިވާ ގޮތުން "އަހަރެންނާއި ކަލޭ" ކުޑަބޮޑު މިނުން ތަފާތުކަން އަންގައިދެނީ "ވުރެ" މި އަކުރު މިތާނގައި އޮތުމުންނެވެ. ދިވެހިބަހުގެ ބަސްމަގު.(1999) 13ވަނަ ސަފްހާ ގައިވާ ގޮތުން "ވުރެ" ބޭނުން ކުރެވެނީ ތަފާތު ހާމަކުރުމަށާއި އަޅައި ބެލުމަށްކަން އެނގެއެވެ. އަދި ހަމަ މިއީ ލަފަޒެއް ނޫންކަމާއި، މިއީ ދިވެހި ބަހުގައި ބޭނުންކުރެވޭ އަކުރެއްކަން ދޭހަވެއެވެ. ނަމަވެސް މިފޮތުގައިވެސް އަދި ޤައުމީ މަރުކަޒުން ލިޔެ ޝާޢިޢު ކޮށްފައިވާ އެހެން ފޮތެއްގައިވެސް، އެކި ހާލަތާ ގުޅިގެން މިދެއަކުރު ބެނުންކުރާނެ ޤަވާއިދެއް ނުވަތަ ބޭނުންކުރާނެ ރަނގަޅު ހަމައެއް އެކުލަވައިލާ، ލިޔުއްވާފައި ނެތްކަން އަޅުގަނޑު ފާހަގަ ކުރަމެވެ. ޤަވާއިދުގެ އެއްވެސްފޮތެއްގައި "ތުރެ" މިލަފްޒުގެ އެއްވެސް ޝަރަހައެއް ނެތުމުން ދޭހަވަނީ މިއީ ރާއްޖޭގެ ބައެއް ހިސާބުތަކުގައި ވާހަކަ ދެކެވޭ ބަހުރުވައިގެ ތަފާތު ކަމުން "ވުރެ" ގެ ބަދަލުގައި ބޭނުން ކުރެވޭ އަކުރެއްކަމެވެ. އަދިހަމަ ކުރީގެ ލިޔުންތަކުގައި ބޭނުން ކުރި އަކުރަކަށްވުމަކީ އެކަށީގެންވާ ކަމެވެ. ސަބަބަކީ މިފަދަ އަކުރުތައް އޭރުގައި ބޭނުން ކޮށްފައި ހުރުމެވެ. މިސާލަކަށް އޭރުގެ ޖުމްލަތައް ނިންމުމުގައި ބޭނުން ކޮށްއުޅުނު "ހުށި، މެއަ" ފަދަ ބަސްބަސް ފާހަގަ ކުރެވެއެވެ. ނަމަވެސް ތުރެ މި އަކުރު އަދިވެސް ކޮންމެވެސް ވަރަކަށް ބޭނުން ކުރާކަން އަޅުގަނޑު ފާހަގަ ކުރަމެވެ. އަދިހަމަ ކިޔުމުގައި "ވުރެ" ގެ ބަދަލުގައި "ތުރެ" ބޭނުންކުރުމުން ހުތުރު ނުވަތަ ނުގުޅޭ ގޮތެއް ހުންނަ ކަން ވަރަށް ބޮޑަށް ފާހަގަ ކުރެވެއެވެ. މިސާލު: ފާތުމަގެ އިސްތަށިގަނޑަށްވުރެ އައިމިނަގެ އިސްތަށިގަނޑު މާދިގެވެ. ފާތުމަގެ އިސްތަށިގަނޑަށްތުރެ އައިމިނަގެ އިސްތަށިގަނޑު މާދިގެވެ. މި، ދެމިސާލުންވެސް ދޭހަވާފަދައިން ކިޔުމުގައި ތުރެގެ ބަދަލުގައި ވުރެ ބޭނުން ކުރުމުން ކިޔުމުގައި ރީތިވެފައި އަޑުއެހުމުގައި ފަސޭހަވާކަން ފާހަގަ ކުރެވެއެވެ.
ދިރާސާއިން ފާހަގަ ކުރެވުނުކަންތައް އެހެންކަމުން އަޅުގަނޑުގެ ދިރާސާއިން ފާހަގަކުރެވުނު ގޮތުން ހުރިހާ ލިޔުންތަކުގައިވެސް މިދެއަކުރު ބޭނުން ކޮށްފައިވަނީ އެކަތި އަނެކަތީގެ ތަފާތު ބަޔާން ކޮށްދިނުމުގެ ގޮތުންނެވެ. ނަމަވެސް ކުރެވުނު ދިރާސާގެ އަލީގައި ދަންނަވާލަން ޖެހެނީ މިދެއަކުރަކީވެސް އެއް މާނައެއްގައި ބޭނުންކުރެވޭ ދެއަކުރުކަމެވެ. ނަމަވެސް "ތުރެ" މިއަކުރަކީ މިހާރު ކުށް އަކުރެއްކަމަށް އަޅުގަނޑުމެން ބަލައިގަނެ އެގޮތަށް ނިންމަންޖެހޭނޭ އަކުރެއްކަން އަޅުގަނޑުފާހަގަ ކުރާ އަކުރެކެވެ.
ü ތެރި،ވެރި ބަހުގެ ހަމައިގެ އަތްމަތީ ފޮތް.(1993) 28 ސަފަހާ ގައިވާ ގޮތުން މިއީ ބައެއް ނަންނަމުން ނަންއިތުރު ހެދުމަށް ބޭނުންކޮށްއުޅޭ ދެބަހެއްކަން އެނގެއެވެ. މިސާލަކަށް؛ ހިކްމަތްތެރި، ބުއްދިވެރި މިފަދަ ގޮތްގޮތަށެވެ. މިދެބަހުން ކުރެ ކޮންމެ ބަހެއްގެވެސް މާނަ އަކީ މީހާ ނުވަތަ ސިފަ ލިބިގެންވާ، ނުވަތަ ދަންނަ، މިއެވެ. މިކަމަށް ބާރުދެމުން ދިވެހި ރަދީފްގައިވެސް ވަނީ ހިމަ މިފަދައިން ބަޔާންކޮށްފައެވެ. މިސާލަކަށް:- އިހްސާންތެރި- އިހްސާންގެ ސިފަލިބިގެންވާ، މިފަދައިންނެވެ. މިބަސްބަހުގެ މާނައަކީ ހިކްމަތްތެރިޔާ، އިހްސާންތެރިޔާއެވެ. މިބަސްތައް ގިނަކުރެވޭ ހިނދު ހިކްމަތްތެރިން، އެކުވެރިން، މިގޮތްގޮތަށް ބަދަލުވެއެވެ. ތެރި، ވެރި ބަސްބަހާއި ގުޅެމުންދާ ގޮތް. ދިވެހި ބަހުގައި ނަން އިތުރު ހެދުމަށް ބޭނުން ކޮށް އުޅޭ، ތެރި، ވެރި މިދެބަސް ބަސްބަހާއި ގުޅެމުންދާ ހަމަ ތިރީގައި މިވަނީއެވެ. އާއްމުގޮތެއްގައި "ތެރި" މިބަސް ގުޅިފައި ހުންނަނީ ސުކުނަށް ނިމިފައި ހުންނަށް ބަސްބަހާއެވެ. މިސާލު؛ ހިކްމަތް – ހިކުމަތްތެރި އާއްމުގޮތެއްގައި "ވެރި" މިބަސް ބޭނުން ކޮށްފައި ހުންނަނީ ސުކުނަށް ނުނިމި ހުންނަ ބަސްބާއެވެ. މިސާލު: އޯގާ – އޯގާތެރި ދިރާސާއިން ފާހަގަ ކުރެވުނުކަންތައް ޤަވާއިދުފޮތްތަކާއި އަދި އެނޫންވެސް ޢިލްމީ ބޭބޭފުޅުންގެ ލިޔުންތައް ބަލައި އަޅުގަނޑު ކުރި ދިރާސާއިން ފާހަގަ ކުރެވުނު ގޮތުގައި، "ތެރި" ބޭނުން ކުރެވެނީ ބަސްބުނާހިނދު ސުކުނަށް ނިމޭ ބަސްބަހުގެ ނިމުމާއެވެ. މިސާލަކަށް؛ ރަހްމަތް- ރަހްމަތްތެރި އެވެ. އަދިހަމަ ވެރި ބޭނުން ކުރެވެނީ ބަސްބަސް ނިންމުމުގައި ސުކުނަށް ނުނިމި ހުންނަ ނަންނަމުގައެވެ. މިސާލަކަށް؛ ޤަދަރު- ޤަދަރުވެރި އެވެ. ü ގާތުގައި، ކައިރިގައި ގާތުގައި ، ކައިރީގައި ، މިދެލަފުޒަކީ ބަޔަކަށް ނުވަތަ އެއްޗަކަށް ނިސްބަތްކޮށް ބުނެއުޅޭ ދެބަހެވެ. މިއީ މިހާރަކަށް އައިސް ބައެއްލިޔުންތަކުން، އޮޅުވައިލައިގެން ކުށްބަހެއްގެ ގޮތުގައި ބޭނުންކުރަމުން ދާ ދެބަހެވެ. ގާތުގައި ބޭނުންކޮށް އުޅެނީ އިންސާނުންނަށް ނިސްބަތްކޮށް ބުނެ އުޅޭ ބަހެކެވެ. ނަމަވެސް ކައިރީގައި މިބަސް ބޭނުންކޮށް އުޅެނީ އިންސާނުންފިޔަވައި އެނޫން، އެންމެހައި ތަކެއްޗައް ނިސްބަތް ކޮށެވެ. ބަހުގެ ހަމައިގެ އަތްމަތީފޮތް.(1993). 23 ވަނަ ޞަފްޙާގައިވާގޮތުން "ގާތް"، "ކައިރި"، މިދެބަހަކީ މާނައިގެ ގޮތުން އެކައްޗެއް ދޭހަކޮށްދޭ ދެބަހެކެވެ. ނަމަވެސް ބޭނުން ކުރެވޭގޮތުގައި ތަފާތެއް ހުރި ދެބަހެވެ. "ގާތް" މިބަސް އާއްމުގޮތެއްގައި ބޭނުން ކުރެވެނީ މީހުންނާ ގުޅޭގޮތުން ވާހަކަ ދައްކައި އުޅުމުގައިކަން ފާހަގަ ކުރެވެއެވެ. މިސާލަކަށް މަންމަ ގާތުގަ ބުނާށެވެ. "ކައިރީގައި" މިބަސް އާއްމުގޮތެއްގައި ބޭނުން ކުރެވެނީ އެއްޗެއްސާއި ގުޅުވައިގެންނެވެ. މިސާލަކަށް؛ އެނދު ކައިރީގައި ހުރި ގޮނޑި، ފޮތްކައިރިގައި އޮތްބަރު، މިގޮތަށެވެ. ދިރާސާއިން ފާހަގަ ކުރެވުނު ކަންތައް ޤަވާއިދުފޮތްތަކާއި އަދި އެނޫންވެސް ޢިލްމީ ބޭބޭފުޅުންގެ ލިޔުންތައް ބަލައި އަޅުގަނޑު ކުރި ދިރާސާއިން ފާހަގަ ކުރެވުނު ގޮތުގައި، އިންސާނުންނަށް ނިސްބަތްކޮށް ވާހަކަ ދައްކާއިރު ކައިރީގައި ބޭނުން ކުރުމަކީ ކުށްގޮތެވެ. އެހެންކަމުން އިންސާނުންނަށް މުހާތަބު ކުރުމުގައި ރަނގަޅު ގޮތަކީ "ގާތުގައި" މިލަފުޒު ބޭނުން ކުރުމެވެ. މިސާލު؛ ދޮންބެ ނަމާދު ކުރިއިރު ހުރީ އަޅުގަނޑުގެ ގާތުގައެވެ. އަދި ހަމަ އެއްޗެއްސާއި މުހާތަބް ކުރާއިރު ވާހަކަ ދެއްކުން ރަނގަޅު ގޮތަކީ "ކައިރީގައި" މިލަފްޒު ބޭނުންކުރުމެވެ.
5. ރަނގަޅު ލިޔުނަތަކުގައި ނަންއިތުރު ބޭނުންކުރެވެ އުޞޫލާއި ލިޔުން މުއްސަނދި ކުރުމުގައި މިޤަވާއިދު އަދާކުރާ މަޤާމް. ނަން އިތުރަކީ ނަމަކަށް އިތުރު ސިފައެއް ނުވަތަ ބަޔާނެއް ގެނެސްދޭ ހަމަ ކޮންމެ ލަފްޒެކެވެ. މިސާލު؛ ރީތި މަލެއް، ބޮޑު ސިންގާ ފުރޭތައެއް، މިއެވެ. ދިވެހިބަހުގެ ޤަވާއިދު. (2004 ފުރަތަމަ ޗާޕް). 8 ވަނަ ޞަފްޙާގައިވާ ގޮތުން ނަންއިތުރަކީ، ނަމަކަށް އިތުރު ސިފައެއް ނުވަތަ އިތުރު ބަޔާނެއް ގެނެސްދޭ ކޮންމެ ބަހެކެވެ. މިސާލު: ރީތި މަންޒަރެއް، ހަރުދަނާ މީހެއް، ކުޑަކުއްޖެއް، މިއެވެ. މިމިސާލު ތަކުގައިވާ "މަންޒަރެއް"، "މީހެއް"، "ކުއްޖެއް" މިއިން ކޮންމެ ލަފުޒަކީ ނަމެކެވެ. އެނަންތަކަށް އިތުރު ސިފައެއްނުވަތަ އިތުރު ބަޔާނެއް ގެނެސްދެނީ "ރީތި" "ހަރުދަނާ" މިބަސްތަކުންނެވެ. އެހެންކަމުން މިއިން ކޮންމެ ބަހަކީ ނަންއިތުރެވެ. މިސާލު: "ބޮމެއްގޮވުމުގެ ސަބަބުން ވަރަށްގިނަ ސަރުކާރުގެ އިމާރާތަށް ގެއްލުން ލިބުނެވެ. މިޖުމްލާގައި ސިފަދެވެނީ ސަރުކާރަށެވެ." ނަމަވެސް ސިފަރައްދުކުރަން އުޅުނީ އިމާރާތަށެވެ. އެހެންކަމުން ރަނގަޅުގޮތަކީ ބޮމެއް ގޮވުމުގެ ސަބަބުން ސަރުކާރުގެ ވަރަށްގިނަ އިމާރާތަށް ގެއްލުން ލިބުނެވެ. މިހެންނެވެ. ސާނަވީ ދިވެހި1. (2006 ދެވަނަ ޗާޕް) 32 ވަނަ ޞަފްޙާގައިވެސް ނަންއިތުރާބެހޭ ގޮތުން ބޭނުން ކޮށްފައިވަނީ ހަމަ މިތަޢާރަފެވެ. އަދި ހަމަ އިތުރު ކޮށްލުމުގެ ގޮތުން މިއީ މީހަކަށް، ތަނަކަށް ނުވަތަ އެއްޗަކަށް އިތުރު ސިފައެއްގެނެސްދޭ ބަސްބަސްކަމުގައި ލިޔެފައިވެއެވެ. ބަހުގެ ހަމައިގެ އަތްމަތީފޮތް.(1993).10 ވަނަ ޞަފްޙާގައިވާގޮތުން ނަންއިތުރަކީ ނަމަކަށް އިތުރު ސިފައެއް ނުވަތަ އިތުރުބަޔާނެއް ގެނެސްދޭ ކޮންމެބަހެކެވެ. ވީމާ، އެއީ މީހެއްކަން ތަނެއްކަން ނުވަތަ އެއްޗެއްކަން ދޭހަކޮށްދޭ ބަހަކަށް، އިތުރު ސިފައެއް ނުވަތަ ބަޔާނެއް ގެބެސްދޭ ކޮންމެ ލަފްޒަކީ ނަންއިތުރެކެވެ. ކަންމިހެން ހުރިއިރު، ނަންއިތުރު ރައްދުވާފަރާތް ފާހަގަކުރުމުގައި ދިވެހިބަހުގެ ހަމައިން އެއްކިބާވެވިއްޖެނަމަ، ބޮޑެތި އޮޅުންތައްއަރައި، ބުނާން އުޅޭއެއްޗެއްގެ މުރާދު ގެއްލި އެހެން މާނައެއް ދޭހަވާގޮތްވެދާނެއެވެ. ނަންއިތުރު ރައްދުވާފަރާތް. ސާނަވީ ދިވެހި 1 (2006 ދެވަނަޗާޕް) 34ވަނަ ސަފްހާގައިވާ ގޮތުން ނަންއިތުރުގެ ރައްދުވާފަރާތަކީ އެއްޗެއްގެ ސިފައެއް ބަޔާންކުރުމަށްޓަކައި ނަންއިތުރު ބެނުންކުރެވޭއެއްޗެކެވެ. މިސާލު؛ ތޫނު ވަޅިއެއް، މިއެވެ. މިމިސާލުން "ތޫނު" މިލަފުޒު ބޭނުންކޮށްފައިއެވަނީ "ވަޅި" ސިފަކޮށްދިނުމަށެވެ. އެހެންކަމުން މިލަފުޒު ވާނީ ވަޅިއަށް ސިފަދިން ލަފްޒުކަމުގައެވެ. އެހެންކަމުން މިތާނގައި "ތޫނު" އެއީ ނަންއިތުރެވެ. އަދި މިނަންއިތުރު ރައްދުވާފަރާތަކީ ނަނައިތުރުން ސިފަލިބިދިން ފަރާތްކަމުގައިވާ "ވަޅި" އަށެވެ. ނަންއިތުރު ބޭނުންކުރެވޭ ތަފާތު ގޮތްތައް. ސާނަވީ ދިވެހި 1. (2006ދެވަނަ ޗާޕް) 37ވަނަ ސަފްހާގައިވާ ގޮތުން، ނަމަކަށް އިތުރު ސިފައެއްގެނެސްދިނުމުގެ ގޮތުން ބޭނުންކުރެވޭ ލަފުޒްތައް ނުވަތަ ބަޔާންތައް ތަފާތު ތަންތާނގައި ތަފާތު ގޮތްގޮތަށް ބޭނުންކުރެވެއެވެ. މިސާލު 1؛ އެއީ ހަނި މަގެކެވެ. މިތާނގައި "ހަނި" މިލަފްޒު ބޭނުންކުރެވިފައި އެވަނީ، އެއީ ކޮންކަހަލަ މަގެއްކަން ސިފަކޮށްދިނުމަށްކަން އެނގެއެވެ. އެހެންކަމުން މިލަފްޒުވާނީ މަގަށް ސިފަދިން ލަފުޒު ކަމުގައެވެ. ވީމާ މިތަނުގައި "ހަނި" މިލަފުޒަކީ ނަންއިތުރެކެވެ. އަދި މިނަންއިތުރު ރައްދުވާފަރާތަކީ ނަންއިތުރަށް ސިފަލިބިދިން ފަރާތްކަމުގައިވާ މަގެވެ. މިއީ ނަމުގެ ކުރިއަށް ނަންއިތުރު ގެނެސްގެން ބެނުންކުރެވޭގޮތެވެ. އަދި މިއީ ނަންއިތުރު ބޭނުންކުރާ އެންމެ އާއްމުގޮތްކަމުގައި އަޅުގަނޑު ފާހަގަ ކުރަމެވެ. އަދި ނަންއިތުރު ރީތިކޮށް ބޭނުންކުރާނަ މިއީ އެންމެ އެދެވޭ ގޮތްކަންވެސް އަޅުގަނޑު ފާހަގަ ކުރަމެވެ. މޮޅު ލިޔުންތަކުގައި ނަންއިތުރު ބޭނުންކުރެވިފައި ހުންނަނީވެސް ހަމަ މިފަދައިން، ނަންނަމުގެ ކުރިއަށް ގެނެސްގެންނެވެ. މިސާލު 2: ފެހި ފޮތިކޮޅު ރީއްޗެވެ. މިތާނގައި ރީތި ބޭނުންކުރެވިފައި އެވަނީ ފެހި ފޮތިކޮޅުގެ ސިފަ ބަޔާން ކޮށްދިނުމަށެވެ. އެހެންކަމުން މިލަފުޒުވާނީ ފެހިފޮތިކޮޅަށް ސިފަލިބިދިން ލަފުޒުކަމުގައެވެ. ވީމާ މިތަނުގައި "ރީތި" މިލަފުޒަކީ ނަންއިތުރެކެވެ. އަދި މިނަންއިތުރު ރައްދުވާފަރާތަކީ ނަންއިތުރަށް ސިފަލިބިދިން ފަރާތްކަމުގައިވާ ފެހިފޮތިކޮޅެވެ. މިއީ ނަމުގެ ފަހަތަށް ނަންއިތުރު ގުޅުވައިގެން ބޭނުންކުރެވޭ ގޮތެވެ.
ރަނގަޅު ލިޔުންތަކުގައި ނަންއިތުރު ބޭނުން ކުރެވޭ އުޞޫލް. އަޅުގަނޑު ދިރާސާ ކުރުމަށް ބޭނުންކުރި ލިޔުންތަކުގައި 2 ގޮތަކަށް ނަންއިތުރު ބޭނުން ކޮށް ފައިވާކަން ފާހަގަ ކުރެވުނެވެ. އެއީ؛ 1. ނަމުގެ ކުރިއަށް ނަން އިތުރު ގެނެސްފައި ހުރުން. މިސާލު: - ޙަރަކާތްތެރިވާ ޖަރާސީމު - ފަހަތުގައިހުރި ގޮނޑި - ކެޔޮޅުކަން ކުރާ އާދަނު - ހަތިޔާރުން ޖިހާދުކުޅަ މުޖާހިދު
2 . ނަންއިތުރުގެ ގޮތުގައި އެއް އިތުރަށްވުރެ ގިނަ އިތުރު ބޭނުންކޮށްފައި ހުރުން. މިސާލު: - ވަރަށްހޫނު، އެހާމެ ފޫހި، ހަމަހިމޭންމެންދުރެއް - ޗަންޕާޕޫލްމަލާއި، ދޮންކެކުރީގެ ޒަމާން - ކަނެއް،ބީރެއް، މަނެއްކަމުގައި ދޭހަވާފަދަ ބަސް
ދިރާސާއިން ފާހަގަ ކުރެވުނުކަންތައް ނަންއިތުރު ނަމުގެ ކުރިޔަށާއި، މެދުތެރެއަށް އަދި ފަހަތަށް ގެނެވޭގޮތަށް އޮތްކަމުގައި ވިޔަސް ރަނގަޅު، މޮޅު ލިޔުންތަކުގައި ގެނެވިފައި ހުންނަނީ ނަމުގެ ކުރިޔަށެވެ. ނަންއިތުރު ގިނައިން ހުންނަނީ ސިފަކޮށްދޭ ލިޔުން ތަކުގައެވެ. ނަންއިތުރުގެ ގޮތުގައި އެއް އިތުރަށްވުރެ ގިނަ އިތުރު ބޭނުންކޮށްގެން ލިޔުމުން ވަރަށް ހިތްގައިމުގޮތެއް ހުންނަކަން ފާހަގަ ކުރެވުނެވެ. ދިރާސާކުރުމަށް ބެލުނު ލިޔުންތަކުން ނަމުގެ ފަހަތަށް ނަންއިތުރުގެނެވިފައިވާކަމަކަށް ފާހަގައެއް ނުކުރެވެއެވެ.
ނިންމުން
މި މަސައްކަތްކޮށް ނިންމުމުގެ ހެޔޮތަޢުފީޤު ދެއްވިކަމަށްޓަކައި ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ޙަމްދުކުރަމެވެ. އަޅުގަނޑު ޤަވާއިދު ދިރާސާގެ، މިއެސައިމަންޓްގެ މަސައްކަތް ކުރަމުން ދިޔައިރު މިމަސައްކަތުގެ ސަބަބުން ވަރަށްގިނަ މަޢުލޫމާތުތަކެއް ލިބިގެން ދިޔައެވެ. ދިވެހީން ލިޔެކިޔުމުގައި ބޭނުން ކުރާ ބައެއްލަފުޒަކީ އެއްވެސް ހަމައެއްނެތި ބޭނުން ކުރާ ލަފްޒުކަންވެސް އެނގިގެންދިޔައެވެ. ނަމަވެސް މިއީ ވަރަށް މުހިއްމު ކަމެއްދީގެން ހައްލުކުރަންޖެހޭނޭ މައްސަލަތަކެއްކަން އަޅުގަނޑަށް މިއެސައިމެންޓްގެ ސަބަބުން އެނގިގެން ދިޔައެވެ. ވީމާ، ލިޔުންތެރިން ލިޔާ ލިޔުންތަކުގައި ޒަމާނާއި ޙާލަތާގުޅޭގޮތަށް ޤަވާއިދުގެ ބޭނުން ހިފައި އަދަބީކުށްމަދުކޮށް ބަސްތައް އެތުރުމުގެ ރީތިކަމާއި ބަލާޣާތް ތެރިކަން ހިފަހައްޓަންމަސަކަތް ކުރުމީ މުހިންމު ކަމެއްކަމުގައި އަޅުގަނޑު ދެކެމެވެ. އެހެންކަމުން މިމަސައްކަތް ނިންމުމުގެ ސިއްކަޖަހާއިރު ފާހަގަ ކޮށްލަން ޖެހޭ ވަރަށް މުހިއްމު ކަމެއް އެބައޮތެވެ. އެއީ މިމާއްދާ ކިޔަވައިދިނުމުގައި އަޅުގަނޑުމެންގެ ލެކްޗަރަރ، އާދަމް ޒާހިރު ސާރ ވެދެއްވި އެހީތެރި ކަމެވެ. މި އެހީތެރި ކަމުގެ ސަބަބުން ވަރަށް ގިނަގުނަ އެއްޗެހި ތަކެއް އޮޅުންފިލިއެވެ. ވީމާ މިކަމުގައި އެހީތެރި ވެދެއްވި އާދަމް ޒާހިރު ސާރ އަށާއި، މިކަމުގައި އަޅުގަނޑަށް އެހީތެރިކަން ދެއްވި ކޯހުގެ ހުރިހާ ބައިވެރިންނަށްވެސް ޝުކުރުވެރިވަމެވެ.
އަޅުގަނޑު ދެކެނީ މިއެސައިމެންޓްގެ ސަބަބުން މިލިޔުން ކިޔާ ހަމަ ކޮންމެ ބޭފުޅަކަށްވެސް ކުޑަނަމަވެސް ފައިދާއެއްކޮށް ބަހާ ބެހޭގޮތުން އާންމުން ހޭލުން ތެރިވުމެވެ. އަޅުގަނޑުގެ ދުޢާއަކީ މިކުރެވުނު މަސައްކަތުން ބަހާއި ބަހުގެ އަދަބިއްޔާތަށް ފަސޭހަތަކެއް ލިބި، މިފާހަގަ ކުރެވުނު ބައިތަކުން އެއްޗެހި ތަކެއް އޮޅުންފިލައިގެންދިއުމުގެ ހެޔޮތަޢުފީޤު މިންވަރުކޮށްދެއްވުމެވެ.
ޝުކުރިއްޔާ! 28 އޭޕްރީލް 2009 މުހައްމަދު ޢަލި
ރިފަރެންސް ލިސްޓު
- ޢަބުދުﷲ ޞާދިޤު.(1993). ބަހުގެހަމައިގެ އަތްމަތީފޮތް. މާލެ:ދިވެހިބަހާއިތާރީހަށްޚިދުމަތްރާ ޤައުމީ މަރުކަޒު. - އަޝްރަފް އަބްދުއްރަޙީމް.(ދެވަނަ ޗާޕް 2006). ސާނަވީ ދިވެހި 1. މާލެ: ދިވެހިރާއްޖޭގެ ތަޢުލީމު ކުރިއަރުވާ މަރުކަޒު - ދިވެހިބަހާއިތާރީހަށްޚިދުމަތްރާ ޤައުމީ މަރުކަޒު.(1984 ). ދިވެހިބަހުގެ ޤަވާޢިދު. 1،2،3،4 މާލެ: ދިވެހިބަހާއި ތާރީހަށްޚިދުމަތްރާ ޤައުމީ މަރުކަޒު. - އަލީއަހުމަދު.(1970).ކުށެއްނެތްދިވެހިބަހުން ވާހަކަދައްކާށެވެ އަދި ލިޔާށެވެ. މާލެ: ނޮވެލެޓީ ޕްރެސް. - ހުސައިން ރަޝީދު އަޙުމަދު.(1999). ދިވެހި ބަހުގެ ބަސްމަގު. މާލެ: ދިވެހިބަހާއިތާރީހަށްޚިދުމަތްރާ ޤައުމީ މަރުކަޒު. - ނުރަސްމީ ތަޢުލީމުދޭ މަރުކަޒު.(1999 ).ދިވެހި (ސީ.އީ.ޕީ ) ލެވެލް3. މާލެ: ނުރަސްމީތަޢުލީމުދޭ މަރުކަޒު.
28 އޭޕްރީލް 2009
|
||||||||||||||||||||||||||||||||||||||||||
| އެންމެފަހުން ބަދަލުގެނެވުނީ ބުދަ, 29 ފެބުރުއަރީ 2012 23:26 |
|